ކްރިމިނަލް ކޯޓަށް އިތުރު ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.
ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް މިމަހުގެ 6 ވަނަ ދުވަހު ކޮށްފައިވާ އިއުލާންގައި ބޭނުންވާ އަދަދު 2 އަށް ބަދަލު ކޮށްފައި ވާ ކަމަށެވެ.
މިމަހުގެ 6 ވަނަ ދުވަހު ކޮށްފައިވާ އިއުލާންގައި ބުނާގޮތުން ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައި ވާއިރު އެ މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އޭގެ އިތުރުން އިސްލާމީ ޝަރީއާގެ ރޮނގުން ނުވަތަ ގާނޫނީ ރޮނގުން ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާނަމަ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާން ޖެހޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މުސާރައަށް 30،000 ރުފިޔާ ލިބޭއިރު ލިވިން އެލަވަންސަށް 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ.
އެމަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހު 16 ވަނަ ދުވަހުގެ 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.