އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓްގެ މަގާމަށް ކާނަލް މުހައްމަދު މުޚުތާރު އައްޔަން ކުރައްވައިފިއެވެ.

ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓްގެ މަގާމަށް ކާނަލް މުޚުތާރު އައްޔަން ކުރައްވާފައި ވަނީ މިއަދެވެ. މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަައެވެ.

މި ރަސްމިއްޔާތުގައި ކާނަލް މުޚުތާރަށް މަގާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އަދި މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކާނަލް މުހައްމަދު މުޚުތާރު ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް ކަމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް ދިގުމުއްދަތަކަށް ރާއްޖެއިން ބޭރު ކޯހަކަށް ފުރާވަޑައިގެންނެވުމާއި ގުޅިގެންނެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަކީ ރާއްޖެއަށް ދިމާވާ ކޮންމެ އަލިފާނުގެ ހާދިސާއެއްގައި އެންމެ އިސްކޮށް، އެންމެ ފުރިހަމަ ކަމާއެކު ބައިވެރިވާ ސާވިސްއެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ތެރޭގައި އެ ސާވިސް އިން ވަނީ މާލެ ސިޓީގައި ހިނގާދިޔަ ބޮޑު ދެ އަލިފާނުގެ ހާދިސާއެއްގައި ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވެ ނަމޫނާ ދައްކާފައެވެ.