އައްޑޫ ސިޓީ ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރާށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް އެކަމުގެ ލިޔުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަސު ކައުންސިލަށް އެންގީ މިއަދު ހެނދުނު 11:00 ގައެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ، ކޮވިޑް-19އާ ގުޅިގެން ސިއްހީގތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ.

ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެރާސުން ޕޮޒިޓިވްވީ ބިދޭސީއެކެވެ. މިކަމާ ގުޅިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރި 38 އަހަރުގެ ބިދޭސީ ފިރިހެނަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާގެ ޓެސްޓު ހަދާފައި ވަނީ 8 އޮގަސްޓުގައި ކަމަށް އެޗްއީއޯސީން ވަނީ މައުލޫމާތުދީފައެވެ.

މީގެ އިތުރުން،

އެ އަތޮޅު ފޭދުއިން ފުލުހަކު ވެސް ވަނީ ރޭ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާއަކީ މީގެ 2 ދުވަސް ކުރިން ފޭދޫއަށް ދިޔަ އުމުރުން 38 އަހަރުގެ ފުލުހެކެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ މާލެއިން ނެގި ރެންޑަމް ސާމްޕަލަކުން ކަމަށާއި ނަތީޖާ ލިބިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެ ކޭސް އާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް ހަ ފުލުހަކު ފާހަގަ ކުރެވިފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ އައްޑުއަށް ދަތުރު ކޮށްފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން މިވަގުތު ކޮވިޑްގެ ކޭސް ފެނިފަިއވާ 14 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ފޭދޫ އަދި ހިތަދޫއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 4898 އަށް އަރާފައިވާއިރު، 2088 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ.