ބ. ކަމަދޫ އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަމާ ގުޅިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީސޯސީ) އިން ބުނީ ކަމަދޫއަށް ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރި 38 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ސެންޓަރުން ބުނީ، އޭނާގެ ޓެސްޓު ހަދާފައިވަނީ 8 އޮގަސްޓުގައި ކަމަށެވެ.

ކަމަދޫއިން އިތުރު މީހަކު ޕޮޒިޓިވްވެފައިވާއިރު، މިދިޔަ ޖުލައި 30 ވަނަ ދުވަހު ވެސް އެރަށުން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭނާ ވެސް ޕޮޒިޓިވްކަން އެނގިފައި ވަނީ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ހެދި ޓެސްޓަކުންނެވެ.

ކަމަދޫއަކީ ރާއްޖެއިން ކޮވިޑް-19ގެ އެކްޓިވް ކޭސް މިހާރުވެސް ފެނިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެގޮތުން މިވަގުތު ކޮވިޑްގެ ކޭސް ފެނިފަިއވާ 14 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ފޭސޫ އަދި ހިތަދޫއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 4898 އަށް އަރާފައިވާއިރު، 2088 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.