އައްޑޫ ސިޓީ ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަމާ ގުޅިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރި 38 އަހަރުގެ ބިދޭސީ ފިރިހެނަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ޓެސްޓު ހަދާފައި ވަނީ 8 އޮގަސްޓުގައި ކަމަށެވެ.

އައްޑޫ ހިތަދުއިން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ އަތޮޅު ފޭދުއިން ފުލުހަކު ވެސް ވަނީ ރޭ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާއަކީ މީގެ 2 ދުވަސް ކުރިން ފޭދޫއަށް ދިޔަ އުމުރުން 38 އަހަރުގެ ފުލުހެކެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ މާލެއިން ނެގި ރެންޑަމް ސާމްޕަލަކުން ކަމަށާއި ނަތީޖާ ލިބިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެ ކޭސް އާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް ހަ ފުލުހަކު ފާހަގަ ކުރެވިފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ އައްޑުއަށް ދަތުރު ކޮށްފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލުން ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ ފުލުހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފުލުހުންގެ ތެރޭގައި ރަވާފައިވާ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރަމުންދާ ކަމަށެވެ. އެގޮތުން ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެކަހެރި ކުރަންޖެހޭ ފަރާތްތައް އެޗްޕީއޭއާ ގުޅިގެން އެކަހެރިކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

މީޑިއާ އޮފިޝަލުން ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ ވަކި ވަކި ފުލުހުންގެ ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ މައުލޫމާތު ނުވަތަ އެ ފުލުހުން ބައިވެރިވެފައިވާ ބައްދަލުވުންތަކާ ގުޅޭ މައުލޫމާތު ހާމަ ކުރާގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ރާއްޖެއިން މިވަގުތު ކޮވިޑްގެ ކޭސް ފެނިފަިއވާ 14 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ފޭސޫ އަދި ހިތަދޫއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 4898 އަށް އަރާފައިވާއިރު، 2088 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ.