ރަށަށް ދާން ބޭނުން ކަމަށް ބުނެ ބިދޭސީން ގަލޮޅުދަނޑު ކައިރިއަށް ޖަމާވެ، ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގަލޮޅުދަނޑު ކައިރިއަށް ޖަމާވެ ބިދޭސީން ކިއު ހަދާލީ، ގަލޮޅުދަނޑަކީ އިކޮނޮމިކް މިނިސްޓްރީން ބިދޭސީންގެ ކަންކަމަށް ބޭނުން ކުރާ ތަނަކަށް ވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ބިދޭސީން އެތަނަށް އެއްވީ ރަށަށް ދާން އެދުމަށް ކަމަށް މަންޒަރުދުށް ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

ބިދޭސީން އެ ސަރަހައްދަށް އެއްވާން ފެށީ މިއަދު ހެނދުނު 9:15 ހާއިރެވެ. ނަމަވެސް އެމީހުން އެ ސަރަހައްދުގައި ތިއްބާ ފުލުހުން ވަނީ އެމީހުން އެތަނުން ދުރަށް ޖައްސާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މާލެ ގަލޮޅުދަނޑު ސަރަހައްދަށް ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު މިއަދު އެއްވެފައިވާ ކަމަށެވެ. އަދި އެމީހުން މިހާރު އެ ސަރަހައްދުން ފޮނުވާލާފަިއވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރަށަށް ދާން ބޭނުން ކަމަށް ބުނެ ބިދޭސީން ގަލޮޅުދަނޑު ކައިރިއަށް ޖަމާވެފައިވާއިރު، ކަމާ ބެހޭ އިދާރާތަލކުން ދަނީ ރާއްޖޭގައި އުޅޭ ބިދެސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ.

ރާއްޖޭގައި ލައްކައެއްހާ ބިދޭސީން އުޅޭއިރު، އޭގެ ތެރެއިން ސައްހަ ލިޔެކިއުމެއް ނެތް އަދި ވިސާގެ މުއްދަތު ހަމަވެފައިވާ ބިދޭސީންގެ އަދަދު 60،000 އަށް އަރައެވެ. މީގެ ތެރެއިން ގިނަ ބަޔަކު ފިލައިގެން އުޅޭ އިރު އަނެއް ބައިމީހުން ބޭނުން ވަނީ ގަވައިދަށް ފެތިގެން ރާއްޖޭގައި މަސައްކަތް ކުރާށެވެ. އިކޮނޮމިކް މިނިސްޓްރީން ދަނީ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.