ހުރިހާ ފުލުހުންނަށް ވެސް ހަމަހަމަކަމާއެކީ ކެއުމުގެ އިންތިޒާމު ހަމަޖެއްސުމަށް، ކާން ދިނުމާ ބެހޭ އުސޫލު މުރާޖާ ކުރެވެންދެން މެސް ރޫމް އިން ކާން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހަމަހަމަ އުސޫލަކުން ހުރިހާ ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިހާރު ބައެއް ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސާ ގޮތް މުރާޖާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މި ބަދަލު ގެނައުމުގައި ފުލުހުންގެ މަރުކަޒުން ކުރެވޭނެ އިންތިޒާމު ހަމަ ޖެހިފައިވާ މަރުކަޒުގައި މަސަައްކަތް ކުރާ ހުރިހާ ފުލުހުންނަށް މެސް ރޫމް އިން ކެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިހެން ބުނެފައިވަނީ ފުލުހުންގެ ބައެއް މުވައްޒަފުންނަށް ކުރިން މުސާރައިގާ ހިމަނައިގެން ދެމުން އަންނަ ފުޑް އެލޮވަންސް ކަނޑާލިކަމަށް ދެކެވޭ ވާހަކައާއި ގުޅިގެންނެވެ.

ފުލުހުންގެ މުވައްސަސާ އިން ވަނީ ފުލުހުންގެ ހަރަދު ކުޑަކުރުމުގެ ގޮތުންނާއި ފުލުހުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުންދާކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ފުލުހުންގެ ކެއުން ބުއިމުގައި ކުރެވޭ އިސްރާފު ކުޑަކުރުމަށާއި، ސިއްހީގޮތުން ގައިންގަޔަށް ބަލި އަރާފާނެ ހުރިހާ ކަމަކުން އެންމެހާ މުވައްޒަފުން ރައްކާތެރިކުރުމަށް އިސްކަން ދޭ ކަމަށް ފުލުހުން ބުނެއެވެ. އަދި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން މާލޭގައި ގާއިމްކުރެވިފައިވާ ފުލުހުންގެ މެސް ރޫމްތަކުން ކެއުން ހަމަޖައްސަމުން ގެންދާނީ ސެޓް މެނޫއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. އަދި ކޭޓަރިން އަށް އޯޑަރު ދޭ އިރު ޑެއިލީ އޯޑަރަށް ބަދަލުކުރަންވެސް ނިންމާފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މެދުކަނޑާލުމާއި އަތޮޅުތެރޭގައި ކުރާ ދަތުރުތަކުގައި ވެސް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ. އަދި އިސްރާފު ނުކުރުމަށާއި، އިތުރު ހަރަދުތައް ހިނގާ ކަންތައް ނުކުރުމުގެ އިތުރުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން ހިމެނެއެވެ.