އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ ހަތަރު އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ، ގްރީންވާޑް، ޝުއާއު ޝަރީފް 32އ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ޝުއާއު ހައްޔަރުކޮށްފައިވަނީ، މިމަހު ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިމަހު ހަތަރު ވަނަ ދުވަހުއެވެ.

ޝުއާއު ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް މިމަހު ހަތަރު ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އޭނާ ދޫކޮށްލަން ނިންމައި ނެެރުނު އަމުރު މުރާޖާ ކޮށްދެއްވުމަށް ކޯޓުގައި އެދިފައެވެ.

އެގޮތުން މިމަހު ހަ ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ނިންމާފައިވަނީ، މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލާ ހިނދު ޝުއާއު ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށެވެ.

އޭގެ އިތުރުން ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި ޝުއާއުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް އޭނާގެ ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ހުށަހެޅި ހެކި ގަރީނާތަކުން ހެކި ގަރީނާ ލިބޭތީ ގާނޫނު ނަންބަރު 12/2016 ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.