އެޗްޕީއޭއިން އަންގާފައިވާ މިންގަނޑުތަކަށް ނުފެތޭ 15 ތަނެއް އިއްޔެ ބަންދު ކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ، އިއްޔެ ހިނގި އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ވަނީ 15 ތަނަކަށް ކަމަށާއި އޭގެ ތެރޭގައި 3 ސެލޫނަކާއި 6 ފިހާރައަކާއި 6 ކެފޭ ރެސްތޯރަންޓް ހިމެނޭ ކަމަށެވެ. އެގޮތުން އިއްޔެ ޖުމްލަ 111 ތަނެއް އިންސްޕެކްޝަން ކޮށްފައިވާ ކަމަށް އެޗްޕީޢޭއިން ބުނެއެވެ.
އެޗްޕީއޭ އިން ވަނީ މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހު ކުރުމުން އަލުން އިންސްޕެކްޓް ކުރެވޭނެ ކަމަށް ބުނެފައެވެ. އެކަން ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުމަށް އެޗްޕީއޭން ވަނީ އެދިފައެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށާއި އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން އެޗްޕީއޭން ހަދާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.