ކޮވިޑް އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ރަށްރަށުގެ ތެރެއިން އދ. އޮމަދޫ މިހާރު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޮމަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ފިކުރީ ވިދާޅުވީ، އެރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ. އެއީ އެ ރަށުން ކޮވިޑަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި އެންމެންގެ ނަތީޖާ ނެގެޓިވް ވުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، އޮމަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ އިއްޔެ ކަމަށެވެ. ރޭ އެޗްޕީއޭއިން މޮނިޓަރިން ހާލަތުގައި އޮތް ތަންތަނުގެ ލިސްޓުގައި އޮމަދޫ ޖެހިފައި އޮތީ އޮޅިގެން ކަމަށާއި އެ ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ 64 އަހަރުގެ އަންހެން މީހާ ކޮވިޑަށް ޓެސްޓު ކުރި ދެވަނަ ނަތީޖާ ނެގެޓިވް ވެ، އޭނާގެ ކޮންޓެކްޓުންވެސް ނެގެޓިވް ވުމާ ގުޅިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އދ. އޮމަދޫއިން މާލެ ގެނައި އުމުރުން 64 އަހަރުގެ އަންހެނެއްގެ ނަތީޖާ ޕޮޒިޓިވް ވެފައި ވީ ނަމަވެސް މިދިޔަ ބުރާސްފަތު ދުވަހު އެ އަންހެން މީހާގެ ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް އޮމަދޫ ކައުންސިލުން ވަނީ ބުނެފައެވެ. އެކޭސް އާ ގުޅިގެން އެރަށު ހެލްތު ސެންޓަރުގެ ގިނަ ނަރުހުންނާއި ޑޮކްޓަރުން ހޯމް އައިސޮލޭޝަނަށްގައި ތޮބި އިރު އަންހެން މީހާގެ ޓެސްޓު ނެގަޓިވް ވުމާ ގުޅިގެން ނަރުހުންނާއި ޑޮކްޓަރުން މިހާރު މަސައްކަތަށް ނިކުމެފައިވާ ކަމަށް ވެސް ފިކުރީ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ފިކުރީ ވިދާޅުވެފައި ވެއެވެ.

ރޭގެ ވަގުތެއްގައި އެޗްއީއޯސީން ބުނެފައި ވަނީ މާލޭގެ އިތުރުން ރިސޯޓަކާއި ހަތަރު ރަށަކާއި ހަތަރު ބޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސް ވަގުތީ ގޮތުން އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން މޮނިޓަރިންއަށް ގެންގޮސްފައި ވަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގާ ރިސޯޓުގެ އިތުރުން ހދ. ނާވައިދޫ އާއި އދ. މަހިނބަދޫއާއި އދ. އޮމަދޫ އަދި ހއ. އިހަވަންދޫއެވެ. އަދި ސޮނޭވާ ޕްރިންސަސް ވެސަލް އާއި ސަވާރީ ބޯޓާއި، ތަހުތު ބޯޓާއި ބީއެމްއެމްއޭ އެކްސްޕްރެސް ބޯޓެވެ. އޮމަދޫ މޮނިޓަރިން އިން ނެގީ މިލިސްޓު ހާމަ ކުރި ފަހުންނެވެ.