މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ކުރެންދޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންގަނޑު ވަދެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ކުރެންދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ 6 ގެ އަކަށް ފެންވަނުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިން، ޕަމްޕް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފަށް އެހާދިސާ ހިންގާފައިވާކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހަވީރު 4:17 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ވިއްސާރާގައި ޅ. ކުރެންދޫގެ ގެއަކަށް ފެންވަދެފައި / ފޮޓޯ: އެމްއެންޑީއެފް

މިފަދާ ހާދިސާއެއް ހިނގާފައި ވާއިރު، މިއަދު ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އިން ވައިންޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 2:14 އިން ފެށިގެން ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދަށް ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މިރޭގެ މޫސުމަށް ބާލައިރު، ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އޮތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އަދި ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރު މިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓުގައި ކަމަށް އެ އިދާރައިން ބުނެއެވެ.

އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ދަތުރު ކުރުމުގައި ހުރިހައި ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.