މިދިޔަ އަންގާރަ ދުވަހު ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ ފަރުވާ ކުޑަކަމުންތޯ، ނުވަތަ އެކްސިޑެންޓަކުން ތޯ ނުވަތަ އެކަމުގައި ބޭރުގެ އަތެއް އޮތްތޯ ތަހުގީގު ކުރަމުން އަންނަ ކަމަށް އެގައުމުގެ ރައީސް މައިކަލް އައުން ހާމަކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ކަށަވަރު ނުވާ ކަމަށާ، ރޮކެޓް ނުވަތަ ބޮމެއް ނުވަތަ އެނޫންވެސް ގޮތަކުން ބޭރުގެ ފަރާތެއް އަތެއް މިކަމުގައި އޮތުންވެސް އެކަށީގެންވާކަމަށް އައުން ވަނީ ވިދާޅުވެފައެވެ.

އައުން ވިދާޅުވީ އަންގާރަ ދުވަހުގެ ހާދިސާގެ ތަހުގީގުތައް 3 ފަންތިއެއްގައި ކުރިއަށް ދާ ކަމަށެވެ. ފުރަތަމަ މަރުހަލާއަކީ ގޮވާޒާތުގެ ތަކެތި ގުދަނަށް ވެއްދުނު ގޮތަކާ، އެ ތަކެތި ގުދަން ކުރެވިފައި އޮތް ދެނެގަތުމުގެ މަރުހަލާ ކަމަށާ، ދެވަނަ މަރުހަލާއަކީ ހާދިސާ ހިނގާފައިވަނީ ފަރުވާ ކުޑަވެގެންތޯ ނުވަތަ އެކްސިޑެންޓަކުން ތޯ ދެނެގަތުމުގެ މަރުހަލާ ކަމަށާ، 3 ވަނަ މަރުހަލާއަކީ ބޭރުގެ ނުފޫޒެއް އޮތްތޯ ބެލުމަށް ކުރިއަށްދާ މަރުހަލާ ކަމަށް އައުން ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

މުޅި ބެއިރޫތު ގުޑުވާ، ސުންނާފަތި ކޮށްލި ވަރުގަދަ ގޮވުމަކީ ބޭރުގެ ހަމަލާއެއް ކަމަށް ލުބްނާނުން އަދި މިހާތަނަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، 2 ފަހަރެއްގެ މަތިން، މިއީ "ހަމަލާ"އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ހަމަލާގައި 137 މީހެއްގެ ފުރާނަ ގެއްލި 5000 އެއްހާ މީހުން ޒަހަމްވެފައިވާއިރު، ބައެއް މީހުންނަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ.