މީގެ 12 އަހަރު ކުރިން އާ ގާނޫނުއަސާސީ ތަސްދީގު ކުރެއްވުމަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވީ، ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ މި ގާނޫނުއަސާސީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަ ގުނަ ފައިދާތައްކޮށް ހަމަޖެހުމާއެކު ދިރިއުޅުމުގެ ފުރުސަތު ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވާއިރު، ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ލިޔެވުނު ލިޔުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ގާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ފެހި ގާނޫނުއަސާސީއަކީ ރައީސް މައުމޫނުގެ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމަށް އައި ރިއެކްޝަނެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ގާނޫނުއަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުނީ އެންމެ ފަހު ވަަގުތު ކަމަށެވެ. އަދި އޭރު އެމްޑީޕީން އެ ވޯޓުގެ ނަތީޖާ ބަލައި ނުގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިމާވި ހުރިހާ ދައްޗެއް ދިމާވީ މި ގާނޫނުއަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި ލިބުމުން ކަމަށެވެ. ސަބަބެއް ކަމުގައި އެމަނިކުފާނު ވިދާޅުވީ އެއީ މި ގާނޫނުއަސާސީއަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ނިޒާމެއް ނޫން ކަމަށް ވާތީ ކަމަށެެވެ.

ރާއްޖޭގައި މިހާރު އޮތް ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ މިއަދަށް ވަނީ 12 އަހަރު ފުރިފައެވެ. އެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށީ 2008 ވަނަ އަހަރުގެ އޮގަސްޓް 7 ގައެވެ.