ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ލިޔެވުނު ލިޔުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ގާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ފެހި ގާނޫނުއަސާސީއަކީ ރައީސް މައުމޫނުގެ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމަށް އައި ރިއެކްޝަނެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ގާނޫނުއަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުނީ އެންމެ ފަހު ވަަގުތު ކަމަށެވެ. އަދި އޭރު އެމްޑީޕީން އެ ވޯޓުގެ ނަތީޖާ ބަލައި ނުގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިމާވި ހުރިހާ ދައްޗެއް ދިމާވީ މި ގާނޫނުއަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި ލިބުމުން ކަމަށެވެ. ސަބަބެއް ކަމުގައި އެމަނިކުފާނު ވިދާޅުވީ އެއީ މި ގާނޫނުއަސާސީއަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ނިޒާމެއް ނޫން ކަމަށް ވާތީ ކަމަށެެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެންމެ ރަނގަޅު ވެރިކަމުގެ ނިޒަމަކީ ޕާލިމަންޓްރީ ސިސްޓަމް ނުވަތަ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މީގެ ކުރިން އެތައް ފަހަރަކު ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އެމަނިކުފާނު ވަނީ އެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު އެ ވާހަކަ ނޫހުގެ ހެޑްލައިނަށް ނުގެނައުމަށް އިލްތިމާސްކޮށް، އެއީ އެމަނިކުފާނު ދައްކަވާ ވަރަށް އާދައިގެ ވަރަށް ފޫހިވާ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ނޫސްވެރިންނަށް އެއީ ޕޮލިޓިކަލް ކޮންފްލިކްޓެއްގެ ޕިޗެއް ކަމަށް ހީވާ ކަމަށާއި އެކަން ވަނީ އެހެން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތް ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ މިއަދަށް ވަނީ 12 އަހަރު ފުރިފައެވެ. އެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށީ 2008 ވަނަ އަހަރުގެ އޮގަސްޓް 7 ގައެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ހިންގާ ގިނަ ގަވްމު ތަކުގެ ރައްޔިތުން ތަޖްރިބާ ކުރަމުންދަނީ ސުލްހަ މަސަލަސް ކަމާއި ފޯރުންތެރިކަން އުޅެނީއުފަލުގައި.