މާލޭގެ ބޭސްފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މާލޭގެ ބޭސްފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރީ ފިހާރައިގެ ކޭޝިއަރަކަށް ހުރި އިންޑިއާ މީހެއް ކަމަށް ރާއްޖޭގެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެ މީޑީއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކޭޝިއަރު ވަނީ އަންހެން މީހާގެ އުރަމަތީގައި ހިފާފައެވެ.

ޖަނަވަރީމަގުގައި ހުންނަ ޔޫއެމްސީ ފާމަސީން ބޭސްގަތުމަށް ފަހު ކައުންޓަރުގައި އަރިއަކަށް ހުއްޓައި އުރަމަތީގައި ކޭޝިއަރު އަތްލާފައިވާ ކަމަށް އެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. އަދި އެއާއެކު ސޮރީ ސޮރީ އޭ އިންޑިއާ މީހާ ބުނެފައިވާކަމަށް ވެސް އެ މީޑީއާއިން ބުނެއެވެ.

މީގެ އިތުރުން މައްސަލަ ފުލުހަށް ހުށަހަޅާފައިވީ ނަމަވެސް ސީސީޓީވީ ފޫޓޭޖް ނެތްނަމަ މައްސަލަ ބަލައި ދައުވާ ނުކުރެވޭނެ ކަމަށް ފުލުހުން، އެ އަންހެން މީހާއަށް އަންގާފައިވާ ކަމަށް އެ މީޑީއާގައި ވެއެވެ.

ރާއްޖޭގައި މިހާރު ޖިންސީގޯނާގެ މައްސަލަތައް ދަނީ އިންތިހާއަށް ގިނަވެފައެވެ. ވަކި އުމުރެއް ވަކި ޖިންސެއް ބެލުމެއް ނެތި ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަަ ކުރަމުންދާއިރު، މީގެ ތެރެއިން ފެންމަތިވެ، ކަމާބެހޭ އިދާރާތަކަށް ހުށަހެޅެނީ މަދު މައްސަލަތަކެކެވެ.