ކޮވިޑް-19ގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކުރި 230 ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ޖުލައި 29 ވަނަ ދުވަހުން ފެށިގެން އެޗްޕީއޭއިން ކުރަމުން ގެންދާ އިންސްޕެކްޝަންގައި ޖުމްލަ 1305 ތަނެއް އިންސްޕެކްޓް ކޮށްފަިއވާއިރު، އެ އެޖެންސީގެ މިންގަނޑުތަކަށް ނުފެތުމުގެ ސަބަބުން ވަނީ 230 ތަނެއް ވަގުތީގޮތުން ބަންދުކުރުމަށް ނޯޓިސް ދީފައެވެ.
އެގޮތުން، އެޗްޕީއޭން ބަންދުކުރުމަށް ނޯޓިސް ދިން ތަންތަނުގެ ތެރޭގައި ހިމެނެނީ 97 ފިހާރައަކާއި 80 ކެފޭ ރެސްޓޯރެންޓް އަދި 44 ސެލޫނާއި ބޯކޮށަތަންތަނުގެ އިތުރުން 6 މާރުކޭޓާއި ދެ ޖިމްގެ އިތުރުން ސްޕާއެކެވެ.
އިންސްޕެކްޓްކޮށް ބަންދުކުރި ތާރީހުތައް:
- 29 ޖުލައި: 52 ތަނެއް އިންސްޕެކްޓްކޮށް 27 ތަނެއް ބަންދުކުރި
- 30 ޖުލައި: 99 ތަނެއް އިންސްޕެކްޓްކޮށް 50 ތަނެއް ބަންދުކުރި
- 31 ޖުލައި: 35 ތަނެއް އިންސްޕެކްޓްކޮށް 3 ތަނެއް ބަންދުކުރި
- 1 އޮގަސްޓް: 189 ތަނެއް އިންސްޕެކްޓްކޮށް 40 ތަނެއް ބަންދުކުރި
- 2 އޮގަސްޓް: 135 ތަނެއް އިންސްޕެކްޓްކޮށް 22 ތަނެއް ބަންދުކުރި
- 3 އޮގަސްޓް: 174 ތަނެއް އިންސްޕެކްޓްކޮށް 33 ތަނެއް ބަންދުކުރި
- 4 އޮގަސްޓް: 146 ތަނެއް އިންސްޕެކްޓްކޮށް 20 ތަނެއް ބަންދުކުރި
- 5 އޮގަސްޓް: 235 ތަނެއް އިންސްޕެކްޓްކޮށް 20 ތަނެއް ބަންދުކުރި
- 6 އޮގަސްޓް: 240 ތަނެއް އިންސްޕެކްޓްކޮށް 15 ތަނެއް ބަންދުކުރި
އެޗްޕީއޭ އިން ވަނީ މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހު ކުރުމުން އަލުން އިންސްޕެކްޓް ކުރެވޭނެ ކަމަށް ބުނެފައެވެ. އެކަން ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުމަށް އެޗްޕީއޭން ވަނީ އެދިފައެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށާއި އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ ކަމަށް ބުނެފައެވެ. އޭގެ އިތުރުން އެޗްޕީއޭން ހަދާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ތަފީގު ވިދާޅުވީ ވިޔަފާރިތައް ހުއްޓުވަން ބޭނުން ނުވާ ކަމަށާއި ވިޔަފާރިތައް ހިންގައިގެން އިގްތިސާދު ކުރިއަށްދާނެ ނަމަވެސް އާ އާންމު ހާލަތުގައި ވިޔަފާރިތައް ކުރިއަށް ގެންދަންޖެހޭނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.