ބ. ކުޑަރިކިލު، ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޑަރިކިލު ކައުންސިލުގެ ރައީސް އަބުދުލް ހަންނާން އައްބާސް ވަނީ "ދަ ޕްރެސް"އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

ހަންނާން ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭޝް މީހެއް ކަމަށެވެ. އޭނާ ޕޮޒިޓިވް ވެފައި ވާކަން އެނގިފައި ވަނީ މިައދު ކަމަށާއި އެއީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެރަށަށް ހޯމް ކަރަންޓީނަށް ދިޔަ މީހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި ކަން އެނގިފައި ވަނީ ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށައި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުޑަރިކިލުން ޕޮޒިޓިވް ކޭސްއެއް ފެނިފައި ވާއިރު، މިއަދު ވަނީ ރ. ހުޅުދުއްފާރަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިއްޔެ ވަނީ ކޮވިޑް-19 ފެނި، މިހާރު އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ.

ހުޅުދުއްފާރުން މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ހަމައެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އެހާ ގިނަ ބަޔަކު އެއްފަހަރާ މާސްކް އަޅަން ޖެހުމުން މާސްކް ލިބުމުގައި ދަތިތަކެއް އުޅޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފޮތިމާސްކް އެޅުން އެންމެ ރަނގަޅު ކަމަށާއި އެ ގޮތުންވެސް ބަލި ޖެހުމުން ރައްކާތެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.