ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަ ވެންޓިލޭޓަރުގެ މައްސަލައިގައި ޒިންމާވާ ފަރާތްތައް އެނގޭނެ ދުވަހެއް އަދި އަންނާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ސަރުކާރުން ދެފަހަރަކު އެކައްޗެއް ނުކިޔާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު އެއްދޮގު ފޮރުވަން އެއްހާސް ދޮގު ހަދަންޖެހޭ ފަހަރުވެސް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތައް އެނގޭނެ ދުވަހެއް އަދި އަންނާނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ރާއްޖެއަށް ގެނައުމަށް ހަމަޖައްސާފައިވާ ވެންޓިލޭޓަރުގެ މައުލޫމާތު ހޯދުމަށް ނޫސްވެރިން ވަނީ އެތައް ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން ކޮވިޑާ ދެކޮޅަށް ރާއްޖެއިން މިދިޔަ ފެބްރުއަރީމަހު މަސައްކަތް ފަށާފައި ވާއިރު، އޭރުއްސުރެ ވެންޓިލޭޓަރުތައް ރާއްޖެ ގެންނަން އެކި އެކި ތާރީހު ދިން ނަމަވެސް ވެންޓިލޭޓަރުތަކާ ބެހޭ މާބޮޑު އަޕްޑޭޓެއް ލިބިފައެއް ނުވެއެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ ފަރުވާއަށް ބޭނުން ކުރެވޭނެ 124 ވެންޓިލޭޓަރު މިހާރު ވެސް ރާއްޖޭގައި އެބަހުއްޓެވެ. ނަމަވެސް މެއި 21، 2020 ގައި އޭރުގެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީން) ބުނެފައިވަނީ 129 ވެންޓިލޭޓަރު ރާއްޖޭގައި ހުރި ކަމަށެވެ.
ހަމައެއާއެކު މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން އެމަޖެންސީގައި ގެންނަން އުޅުނު 75 ވެންޓިލޭޓަރުގެ ތެރެއިން 45 ވެންޓިލޭޓަރު މެއި މަހުގެ ތެރޭގައި ރާއްޖެ ގެނެވޭވަރުވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެ ވެންޓިލޭޓަރުތައް ގެނެވިފައެއް ނުވެއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވުމާ އެކު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތައް ދިނުމާއެކު އަނެއްކާވެސް ކޮވިޑް ބަލިމަޑުކަން ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. އެހެންކަމުން އަނެއްކާވެސް އެލީ ފިޔަވަޅުތަކަށް ލުއިތަކާ އެކު އަނެއްކާ ވެސް ފޮިޔަވަޅުތައް ހަރުކަށި ކުރުމަށް ސަރުކާރުން މަސައްކަތް ވަނީ ފަށާފައެވެ. މިހާރު ކޮވިޑް ފެތުރެމުންއަންނަ މިންވަރު އިތުރުވެފައިވާ އިރު ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ.
އެހެންކަމުން ވެންޓިލޭޓަރާ ގުޅިގެން ސުވާލު ކުރުމުން ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، ދުބާއީގެ ކުންފުންޏަކުން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރު ގެނައުން ލަސްވަނީ ވެންޓިލޭޓަރުތަކުގެ ފުރިހަމަ އަގު އެއްކޮށް ދެއްކުމަށް އެ ކުންފުނިން ޑިމާންޑް ކުރާތީ ކަމަށެވެ.
ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ. ވެންޓިލޭޓަރުތަކުގެ އަގުން 75 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ.
ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.