ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނެއް ނެރެފިއެވެ.

ޖޭއެސްސީން ބުނީ، ސުޕްރީމް ކޯޓުން ހުސްވެފައިވާ 2 ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށްޓަކައި އެ ކޮމިޝަނުން ހުށަހަޅުއްވާ ނަންތައް ފޮނުވައި ދިނުމަށް މިއަދު ރައީސް އިބްރަހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. އެހެންކަމުން އެ މަގާމަސް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވަލާފައިވާ ކަަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން މިމަހު 16 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެޕްލިކޭޝަން ފޮނުވުމަށެވެ. އަދި އިއުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިއުންތައް އެ ކޮމިޝަނުގެ ރަސްމީ އީމެއިލް އަށް ފޮނުވުމުން ބަލައިގަންނާނެ ކަމަށް ޖޭއެސްސީން ބުނެއެވެ. ޖޭއެސްސީގެ އިއުލާން ގެޒެޓުގައި ޝާއިއުކޮށްފައި ވާނެއެވެ.

ޖޭއެސްސީން އިއުލާނެއް ނެރެފައިާއިރު، ރައީސް ސޯލިހް ވަނީ ސްޕްރީމް ކޯޓަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ 2 ނަމެއް ޖޭއެސްސީއަށް ފޮނުއްވާފައެވެ. ދެ ބޭފުޅުންނަކީ ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޜ. މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޒް އަލީ ރަޝީދު ހުސައިން އެވެ.

ސްޕްރީމް ކޯޓަށް ދެ ބޭފުޅަކުގެ ނަން ފޮނުވާފައިވާއިރު، ސުޕްރީމްކޯޓުގެ ބެންޗް ހަތަކަށް އިތުރުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ސޯލިހް ތަސްދީގު ކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހެވެ.

އެ ބިލަކީ ކޯޓުތަކުގެ ގާނޫނުގެ ފަސް ވަނަ މާއްދާ އިސްލާހުކުރުމުގެ ބިލެވެ. އެގޮތުން ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނާ "ސުޕްރީމްކޯޓް އެކުލެވިގެން ވާގޮތް" އިސްލާހު ކޮށްފައި ވާއިރު އެ އިސްލާހުގައި ބުނެފައި ވަނީ، ރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެން ވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް އައްޔަން ކުރެވޭ އިތުރު ހަ ފަނޑިޔާރުންނާއެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް ކަމުގައެވެ.

އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި 2014 ވަނަ އަހަރު ކޯޓުތަކަށް ގެނައި އިސްލާހާއެކު ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރިއެވެ. 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައި ވަނިކޮށް، 2014 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ގެނެސްފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް މަޖިލީހަށް ހުށަހެޅި އިސްލާހުގައިވެއެވެ.