ރ. ހުޅުދުއްފާރަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހުޅުދުއްފާދު ކައުންސިލުން ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދީފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހުޅުދުއްފާރު ކައުންސިލްގެ މެންބަރު، އިބްރާހިމް ޝިފާޒް ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ އަންހެނެއް ކަމަށެވެ.

އޭނާ ހޯމް ކަރަންޓީނަށް މާލެއިން ރަށަށް ގޮސްފައި ވަނީ އިއްޔެ ހަވީރު ކަމަށާއި މާލެއިން ރަށަށް ގޮސްފައި ވަނީ ސާމްޕަލްނަގައިގެން ކަމަށެވެ. އަދި އޭނާ ޕޮޒިޓިވް ކަން އެނގިފައި ވަނީ އިއްޔެ އިރުއޮއްސުނު އިރު ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އޭނާ ރަށަށް އައިސް ގޭގައި ކަރަންޓީންވުމާ ހަމައަށްވެސް އަމަލު ކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއެއްގޮތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އޭނައާ ކޮންޓެކްޓްވެފައިވާ އެއްވެސް މީހަކު އެ ރަށުން ނެތް ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިއްޔެ ވަނީ ކޮވިޑް-19 ފެނި، މިހާރު އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ.

ހުޅުދުއްފާރުން މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ހަމައެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އެހާ ގިނަ ބަޔަކު އެއްފަހަރާ މާސްކް އަޅަން ޖެހުމުން މާސްކް ލިބުމުގައި ދަތިތަކެއް އުޅޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފޮތިމާސްކް އެޅުން އެންމެ ރަނގަޅު ކަމަށާއި އެ ގޮތުންވެސް ބަލި ޖެހުމުން ރައްކާތެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލައިރު މިހާތަނަށް 4594 މީހަކު ޕޮޒިޓިވްވެ، 2706 މީހުން ބަލިން ރަނަގޅުވެފައިވާއި 19 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 1869 މީހެކެވެ.