ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް ހަމަޖައްސަވައި، މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަން ކުރައްވާ، މަގާމުގެ ފަތްކޮޅު އަރުއްވާފައި ވަނީ ދާދި ދެންމެއެވެ. ޓޫރިޒަމް މިނިސްޓަރު ކަމަށް އޭނާ ހަމަޖައްސާފައި ވާއިރު، މީގެ ކުރިން އޭނާ ހުންނެވީ ރާއްޖެއިން ސިންގަޕޫރަށް ހަމަޖައްސަވާފައިވާ ސަފީރުގެ ގޮތުގައެވެ.
ހއ. ކެލާއަށް އުފަން މައުސޫމަކީ، އިނގިރޭސިވިލާތުގެ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ، ޔުނިވާސިޓީ އޮގް ބާމިންހަމުން ސަސްޓެއިނަބަލް ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ މީގެ ކުރިން ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި ސްޓްރީމްލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯއަކީ ވެސް އޭނާއެވެ. އަދި އެސްޓީއޯގެ ބޯޑް ޑިރެކްޓަރު ކަމުގެ މަގާމުގެ އިތުރުން މޯލްޑިވްސް ކޮލެޖް ކައުންސިލުގެ މެންބަރު ކަމާއި އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަން ވެސް އޭނާ ކުރެއްވިއެވެ.
މީގެ އިތުރުން ޑރ. މައުސޫމް ވަނީ، ކެބިނެޓުގެ އެކި މަގާމުތައް ފުރުއްވާފައެވެ. ޓޫރިޒަމް މިނިސްޓަރު ކަމާއި، އެންވާރަމަންޓް މިނިސްޓަރު ކަމުގެ މަގާމުވެސް މެއެވެ. ޑރ. މައުސޫމް ވަނީ ޓޫރިޒަމް ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ޓޫރިޒަމް ޕްރޮމޯޝަން އެޑްވައިޒަރީ ކައުންސިލުގެ މެންބަރު ކަމާއި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސްވެރިޔާގެ މަގާމުގެ ވެސް ފުރުއްވާފައެވެ.
އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޯޑު މެންބަރުކަމާއި ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ކަމަށްވާ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ޑރ. މައުސޫމު ވަނީ ފުރުއްވާފައެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމު ހުސްވެފައި މިވަނީ އެ މަގާމުގައި ހުންނެވި އަލީ ވަހީދު، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.
ވަރަށް ފުރިހަމަ ޤާބިލް ޢިލްމީބޭފުޅެއް ޑރ. މައުސޫމްއަކީ. ޚާއްސަކޮށް ޓޫރިޒަމް މިނިސްޓްރީ ހިންގެވުމަށް ރާއްގޭގައި ތިއްބެވި ދެތިން ބޭފުޅުންނެއްގެ ތެރެއިން އެންމެ ފުރަތަމަ ބޭފުޅަކަށް އެންމެ އެކަށީގެންވަނީ ޑރ.މައުސޫމް. މިއީ އަހަންނަށް ޓޫރިޒަމް ދާއިރާގައި ތަފާތު ދެރިޒޯރޓެއްގެ މަތީމަޤާމުގައި 20އަހަރު މަސައްކަތްކުރިޢިރު ލިބުނު ތަޖްރިބާގެ މައްޗަށް ދިންޚިޔާލެއް.