މިހާތަނަށް 93 ފުލުހަކާއި ބައެއް ސްޓާފުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 56 ކޭސް އަކީ އެކްޓިވް ކޭސްތައް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި ފުލުހުން މަސައްކަތް ކުރަމުން އަންނައިރު ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުލުހުންގެ ތެރޭގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިތުރުން ސިފައިންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތަކުން ވެސް މިހާރު ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ.

އިއްޔެ ރާއްޖެއިން 148 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 117 މީހުން ޕޮޒިޓިވެ ވެފައި ވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި 110 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 1282 މީހަކު އެބަ ތިއްބެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4,594 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.