މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ރަށްތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ޔެލޯ އެލާޓު ނެރެފައިވަނީ ތ.އަތޮޅުން އައްޑޫ ސިޓީއަށެވެ. މިރޭ 9:30 އިން ދަންވަރު 1:00 އަށް ޔެލޯ އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިޅާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާތީ ކ. އަތޮޅުން އައްޑޫ ސިޓީ އަށް ވެސް މިރޭ 8:30 އިން 1:30 އަށް ވަނީ ވައިޓް އެލާޓު ނެރެފައެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިނުގައި ދެކުނުގައި 2 - 4 ފޫޓު ހުންނާނެ ކަމަށެވެ. އަދި މެދު ރާއްޖެ ތެރެއާއި އުތުރުގައި 3 -6 ފޫޓު ހުންނާނެ ކަމަށެވެ.
އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާފައެވެ.