ބަނޑުހައިހޫނު ކަމުގެ ހަޅުތާލަށް ފަހު، ޖެހުނު ސްޓްރޯކެއްގައި ހާލު ދެރަވަމުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންނަނިކޮށް، ޔަމަންގެ ޔާސިރު ޔަހުޔާ މަރުވިތާ 3 ދުވަސް ފަހުން މިއަދު ވަޅުލައިފިއެވެ.

ޔާސިރު ޔަހްޔާގެ ޖަނާރާ ކަންތައްތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މެންދުރު 1:00 ކަށުނަމާދު ބާއްވާފައިވާއިރު، އޭނާ ވަޅުލާފައި ވަނީ އާސަހަރާ ގައެވެ.

އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ މަރުވީ މިދިޔަ އާދިއްތަ ދުވަހެވެ.

ދިވެއްސަކާ އިނދެގެން ދަރިއަކުވެސް ލިބިފައިވާ 45 އަހަރުގެ ޔާސިރު ޔަހުޔާ ހުރީ، ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ހިލާފު ވެގެން ރާއްޖެއިން ފުރުވާ ލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައެވެ. އޭނާ އެތާ ހުރެ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ދެފަހަރަކު ހެދިއެވެ. އަދި ފަހުން ހާލު ބޮޑުވެގެން މަރުވުމާ ހަމައަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގައެވެ.

ޔަހުޔާއަކީ ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. އޭނާގެ ތަފާތު ޓްރެކް ރެކޯޑް އޮތް އިރު ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ރާއްޖެ ނޫން ގައުމުތަކުގައިވެސް އޭނާ ބަނދު ކުރިއެވެ.

އަދި އޭނާއަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަން އެނގިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ މާޗް 3، 2017، ގައެވެ. އެއަށް ފަހު ދައުވާއެއް ނުކޮށް ބަންދުކޮށްފައި ބެހެއްޓުމުން، އޭނާ މީގެ ކުރިންވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއެވެ. އެފަހަރު ހާލު ދެރަވެ އައިޖީއެމްއެޗްގައި އައިވީ ގުޅައިގެން ފަރުވާ ދީފައިވެސް ވެއެވެ. އެފަހުން އޭނާ ކާން ފެށިކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޔަހުޔާ ހައްޔަރު ކުރީ، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.