ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލިއިރު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބަދަލުވުމަށް ޝަރުތު ހަމަނުވާ 10 މުވައްޒަފަކަށް އެހެން ވަޒީފާއެއް ހަމަނުޖެއްސިއްޖެ ނަމަ ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

ޑީޖޭއޭއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ޝަރުއީ ކޯޓުތަކުގެ ތެރެއިން ބައެއް ކޯޓުތަކުގައާއި ބައެއް ޖުޑީޝަލް ދާއިރާތަކުގައި ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި މުވައްޒަފުން ތިބުމާ އެކު، އަލަށް އުފެއްދުނު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު، މުވައްޒަފުންނާއި ވަގުތީ ގޮތުން ހާވާލު ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.

6 މަސް ދުވަހަށް ހަވާލު ކުރެވުނު އެ މައްސޫލިއްޔަތުގެ ޒިންމާ އަދާކުރާ ގޮތް ބެލުމަށް ވަށައިޖެހޭ އެޕްރައިޒަލް ނިޒާމެއް ތައާރަފްކޮށް އެ ނިޒާމުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރިއިރު 70 ޕަސެންޓަށް ވުރެ ދަށުން މާކްސް ލިބުނު 10 މުވައްޒަފުން ތިބި ކަމަށް ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެއެވެ. އަދި އެ 10 މުވައްޒަފުންނަށް ނޯޓިސް ދިނުމަށްފަހު، ޝަރުއީ ދާއިރާއިން އެކަށީގެންވާ ވަޒީފާއެއް ހަމަޖެއްސޭތޯ ބަލައި އެފަދަ ވަޒީފާއެއް ހަމަޖެހެން ނެތްނަމަ އެ މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ދޫކޮށްލުމަށް ނިންމާފައިވާ ކަަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.

އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާފައި ވަނީ، ކޯޓުގެ އެހެން ފަނޑިޔާރުންނާއި ހިންގުމާ ހަވާލުވެ ހުންނަވާ ފަނޑިޔާރާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، ޑިޕާޓްމަންޓުގެ ސެކްޝަންތަކުގެ ވެރިންނާއި ކޯޓުގެ މުވައްޒަފުންނާއި ކޯޓުން ހިދުމަތް ހޯދާ އާއްމު ފަރާތްތަކާއި އެ ފަރާތެއްގެ މަސައްކަތުގެ ފެންވަރު ބެލޭ ފަރާތް ވެސް ހިމެނޭހެން ފުރި ފޯމުތަކެއްގެ މައްޗަށް ބަލައި އެ ފަރާތްތަކުން ދޭ މާކްސްތަކުގެ މައްޗަށް ކަމަށް ޑީޖޭއޭ އިން ބުނެއެވެ.