ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައިވީ ނަމަވެސް ފަތިސް ނަމާދަށް މިސްކިތަށް ދާން ބޭނުންވާ ފަރާތްތަކަށް ދެވޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައި ވަނީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށެވެ. އެހެން ކަމަށްވާއިރު ފަތިސް ނަމާދު ވަގުތަކީ 4:51 އެވެ. ކާފިއު ވަގުތަށް ފަތިސް ނަމާދު ވަގުތަށް ފެތޭތީ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކާފިއު ވަގުތު ބޭރުގައި އުޅޭ މީހުންނާމެދު ފިޔަވަޅު އެޅުމަށްވަނީ ނިންމާފައެވެ. އެގޮތުން އެމީހުން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފަތިސް ނަމާދަށްދާ މީހުންނާ މެދު ފިޔަވަޅު ނާޅަނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކައި، ސަލާމަތީ ބާރުތކުގެ އުޅަނދުތައް ދުއްވޭނެއެވެ. އަދި އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ކާފިއު އިުލާން ކޮށްފައިވާ ވަގުތު ވަޒީފާ އަދާ ކުރާ ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އޮފީސް ކާޑު ބޭނުންކޮށްގެން ނުވަތަ ޔުނިފޯމު އަޅައިގެން ދާނަމަ އިސްތިސްނާ ވާނެ ކަމަށް ޗީފް ސުޕެރިންޓެންޑް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 9:30 އިން ފެށިގެން ވިޔަފާރިތަކުގެ ހުރިހާ މަސައްކަތެއް ނިމޭއިރު، 10:00 ވާއިރަށް ހުރިހާ ފަރާތްތަކަށް ވެސް ގެއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި 10:00 އިން ފެށިގެން މަގުތަކުގައި ހަރަލާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ، ޖޫރިމަނާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، ލޮކްޑައުން އުވާލުމަށްފަހު، ރޭގަނޑު 11:00ގެ ފަހުން ބޭރުގައި އުޅުމަކީ މިހާރުވެސް މަނާ ކަމެކެވެ. އަދި މިކަން ތަންފީޒުކޮށް އެވަގުތުގައި ބޭރުގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނަފައެވެ.

މީގެ ކުރިން ވެސް މާލޭގައި ކާފިއު ހިންގާ، ފަތިހު 5:00 ގެ ކުރިން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އޭރުވެސް ފަތިސް ނަމާދު ވަގުތަށް ބޭރަށް ނިކުތުން ވަނީ ހުއްދަކޮށްފައެވެ.