ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާތީ މާލެ ސިޓީގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށް ފަހު އަނެއްކާވެސް ގުނޫތުކިޔަން ފަށައިފިއެވެ. ގުނޫތު ކިޔަން ފެށީ ރޭ މަޣްރިބް ނަމާދަށް ފަހުއެވެ.

ބޮޑެތި ބަލި މަޑުކަން ފަދަ ކަންތައްތަކާ ގުޅިގެން ކިޔާ ގުނޫތު އަލުން ކިޔަން ފެށިއިރު މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށްއިތުރުވެފައެވެ.

މީގެ ކުރިންވެސް ކޮރޯނާ ވައިރަސް ފެތުރޭތީ މިސްކިތްތަކުގައި ގުނޫތު ކިޔައި ހެދިއެވެ. ނަމަވެސް އެކަން ފަހުން އައިސް އޮތީ ހުއްޓިފައެވެ. މާލެއެކޭ އެއްގޮތަކަށް މިހާރު އަތޮޅު ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ދަނީ ކޮވިޑްގެ ކޭސްތައް ފެންނަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 4293 މީހުން ފެނިފައިވާއިރު 19 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ގޮސް، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަކަށްވަނީ ކާފިއު އިއުލާންކޮށްފައެވެ.