އަނެއްކާވެސް މ. މެދުފުށި ރިސޯޓާއި ފ.ފިލިތެޔޮ ރިސޯޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނީ މިހާރު ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުންދާ ރިސޯޓުތަކުގެ އިތުރުން 2 ރިސޯޓެއް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ކަރަންޓީންގެ ފެސިލިޓީގެ ގޮތުގައި ކުރިންސުރެ ބޭނުން ކުރަމުން އައި ބަނޑޮސް އައިލެންޑް ރިސޯޓްގެ އިތުރުން އެރިޔަދޫ އާއި ފަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓް ވެސް މިހާރު ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު މެދުފުށި ރިސޯޓާއި ފިލިތެޔޮ ރިސޯޓް ވެސް ކަރަންޓީން ފެސިލިޓީއަށް ބޭނުން ކުރަން ފަށާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުވެފައިވާއިރު، އިއްޔެއާ ހަމައަށް ކޮވިޑަށް ޕޮޒިޓިވް 200 ފަރާތެއް އައިސޮލޭޝަނަށް ނުގެންދެވި ގޭގޭގައި އެބަ ތިބި ކަމަށް ހެލްތު އިމްޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒުލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭން ބޭރުން އަންނަ މީހުންނާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބައިތިއްބަމުން އައީ އެކިއެކި ރިސޯޓްތަކުގައެވެ. އެ މީހުން އުޅޭ ރަށްތަކަށް ފޮނުވަމުން އައީ ކަރަންޓީންގެ މުއްދަތު ހަމަވެ، ކުރާ ޓެސްޓުން ކޮވިޑް-19 އަށް ނެގަޓިވް ވުމުންނެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ، ލޮންޑައުންނަށް ދިން ލުއިތަކާއެކު ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުން އައި ގިނަ ރިސޯޓްތަކެއް ސަރުކާރުން ވަނީ ދޫކޮށްލައިފައެވެ. ފިލިތެޔޮ އަދި މެދުފުށި ރިސޯޓަކީ މީގެ ކުރިންވެސް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރި ދެ ރިސޯޓެވެ.