މާލޭ ސިޓީގެ ހުރިހާ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ނުގޮސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނީ އީދު ބަންދާއި މިޑް ޓާމް ބަންދަށް ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން ހަމަޖައްސާފައި އޮތް ތާރީހަކީ މި މަހު ނުވަ ވަނަ ދުވަސް ކަމަށާއި ނަމަވެސް، ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް ދެ ހަފުތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލަށް ހާޒިރު ނުވެ އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ ކަމަށާއި ދެ ހަފްތާއަށް ފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، އެ ނިންމުން މުރާޖައާ ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

"ކުރިއަށް އޮތް ދެ ހަފްތާ އަށް މާލެ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި، ސްކޫލަށް ހާޒިރު ނުވިޔަސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްގެންދާނެ"
އެޑިއުކޭޝަން

މީގެ އިތުރުން އެ މިނިސްޓްރީގެ ބަޔާނުގައި ބުނީ ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާޢީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނެއް ކަމަށާއި ސްކޫލަށް ހާޒިރުވެ އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް، މިނިސްޓްރީއިން އަބަދުވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ސިއްހަތަށް ކަމުގައިވާތީ، ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު 2020 ޖުލައި އެކެއްގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 10 އަށް ކިޔަވައިދޭން ފަށާފައެވެ. އަދި މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9 ން 12) އަށެވެ. މީގެ އިތުރުން ކީ ސްޓޭޖް 3 (ގްރޭޑް 7 އަދި 8) ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޮގަސްޓު 16 ގައި ފަށާނެކަން ކުރިން އޮތީ އިއުލާން ކޮށްފައެވެ.