އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހަށް، ދެމުން ދާނީ އޮންލައިންކޮށް ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެ މިނިސްޓްރީން ދެމުންދާ ހިދުމަތްތަކަށް ކޮންމެ ދުވަހަކު 10:00 އިން 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުދޭ ހިދުމަތްތައް އެދުވަސްތަކުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އޮންލައިން ހިދުމްތައްތައް ފިޔަވައި އެހެނިހެން މުހިންމު ހިދުމަތަކަށް ހޯދަން ބޭނުންނަމަ އީމެއިލް ކުރެއްވުމަށާއި އަދި މިމިނިސްޓްރީގެ ލައިވްޗެޓް މެދުވެރިކޮށް އާންމު މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ރޭގައެވެ.

މި ދިޔަ މަހުގެ 26 އަދި 27 ބަންދު ކަމަށް ހަމަޖައްސާފައި ވަނީ މިނިވަން ދުވަހަކާ ގުޅިގެންނެވެ. އަދި އެ މުނާސަބަތާ ގުޅިގެން 28 އަދި 29 ބަންދު ކުރިއެވެ. އެއަށްފަހު މި ހުސްވި މަހުގެ 30 ވީ ހައްޖު ދުވަހާއި ޖުލައި 31 ވި އަޟްހާ އީދުވެސް ބަންދެވެ. އަދި އޯގަސްޓް 1 އެއް ހޮނިހިރަކަށް ވާތީ އޯގަސްޓް 2 އަދި 3 މި ދެ ދުވަސް ބަންދު ކުރީ އަޟްހާ އީދާ ގުޅިގެންނެވެ.