އުތުރުގެ ފަސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް ވަގުތީ ގޮތުން އަރާ ފޭބުން މަނާ ކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އުތުރުގެ ފަސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހދ. މަކުނުދޫ، ހދ. ފިނޭ، ހދ. ނޮޅިވަރަމް، ހއ. މާރަންދޫ އަދި ހއ. އިހަވަންދޫ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެ ރަށްތައް މޮނިޓަރިންއަށް ލާފައި ވަނީ އެ ރައްތަކަށް ދިޔަ ބޯޓަކުން މީހުން ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

މި ފަސް ރަށަކީ މިވަގުތު މޮނިޓަރިންގައި ހުރި ރަށްރަށް. މާނައަކީ ފެނުނު ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށްރަށްވަނީ މޮނިޓަރިންގެ ހާލަތުގައި
ޑރ. ނަޒްލާ

އޭގެއިތުރުން، މިވަގުތުވެސް ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާ އެހެން ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ މައުލޫމާތުތައްވެސް އެޗްޕީއޭއިން ހިއްސާ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހއ އަތޮޅުގެ ރަށްތަކާއި، ރ އަތޮޅާއި، ބ އަތޮޅުގެ އިތުރުން، ކ އަތޮޅާއި، ވ އަތޮޅާއި، ޅ އަތޮޅާއި، ބައެއް ރިސޯޓުތައްވެސް ހިމެނެއެވެ.

މީގެ ކުރިންވެސް ކޮވިޑް ފެނި ބައެއް ރައްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ނަގާފައެވެ. އަދި ޕޮޒިޓިވް ވެފައިވާ މީހުން ކޮވިޑް ފެސިލިޓީތަކަށް ބަދަލުކޮށް، ކޮމިއުނިޓީ ސްޕްރެޑެއް ނެތް ނަމަ އެ ރައްތައް މޮނިޓަރިން އުވާލައެވެ.