ކޮވިޑަށް ޕޮޒިޓިވް 200 ފަރާތެއް އައިސޮލޭޝަނަށް ނުގެންދެވި ގޭގޭގައި އެބަ ތިބި ކަމަށް ހެލްތު އިމްޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒުލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' ގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ މިއަދުގެ 6:00 ޖެހުމާ ހަމައަށް އައިސޮލޭޝަން ފެސިލިޓީސްތަކަށް ނުގެންދެވި 200 މީހުން އެބަތިބި ކަމަށެވެ.

ޕޮޒިޓިވްވާ މީހުން އައިސޮލޭޝަން ފެސިލިޓީސްއަށް ގިނަ ދުވަސް ވާއިރު ވެސް ނުގެންދާ މައްސަލައިގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން ސާމްޕަލް ނެގުމުގައި ވެސް ލަސްތައް އުޅޭތީ އާންމުގެ ޝަކުވާތައް އިންތިހާއަށް ބޮޑެވެ.

ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މިއަދު ވެސް ވަނީ އެބައްޔަށް 129 މީހަކު ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން އެބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 4293އަށް އަރާފައެވެ.

އެބައްޔަށް ހޮސްޕިޓަލުގައި 92 މީހަކަށް ފަރުވާދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 1013 މީހަކު އެބަ ތިއްބެއެވެ.

އެބަލީގައި ރާއްޖެއިން 18 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.