ރާއްޖެއިން މިއަދު 27 މީހަކު ކޮވިޑް-19 އިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 27 މީހަކު ބަލިން ރަނގަޅުވެގެން ދޫކޮށްލާފައިވާ ކަމަށެވެ.

މިއަދު ރާއްޖެއިން 129 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 127 މީހުން ޕޮޒިޓިވެ ވެފައި ވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 92 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 1013 މީހަކު އެބަ ތިއްބެއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 10 ރަށަކުން ފެނިފައި ވެއެވެ. އޭގެ ތެރޭގައި ހއ ކެލައާއި، އިހަވަންދުއާއި ބ. އޭދަފުއްޓާއި، ކަމަދުއާއި، ހިތާދުއާއި، ސީސައިޑު ފިނޮޅާއި، ޅ. ހިންނަވަރާއި، ކުރެއްދޫގެ އިތުރުން ކ. މާފުއްޓާއި ވ. ފުލިދޫ ހިމެނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4293 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 18 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.