އިހަވަންދޫގައި ކަރަންޓީން ކޮށްފައި ހުރި 32 އަހަރުގެ ދިވެއްސަކު ފިލައިފިއެވެ. މިކަން އިހަވަންދޫ ކައުންސިލުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފިލާފައި ވަނީ 32 އަހަރުގެ ފިރެހެނެއް ކަމަށެވެ. އޭނާ ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ މިރޭ 8:15 ހާއިރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހަޅާފައި ވާއިރު، މިހާރު ރަށުތެރޭގައި ފުލުހުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، މިއީ ކަރަންޓީންގައި ހުއްޓާ ދިވެއްސަކު ފިލި ދެވަނަ ފަހަރެވެ. އައްޑޫ ހެރެތެރެ ރިސޯޓުގައި ކަރަންޓީނުގައި ތިބި 5 ދިވެއްސަކު މީގެ ކުރިން ފިލައިގެން ފުލުހުން ހޯދާފައިވެއެވެ. މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ކަރްނޓީން ފެސިލިޓީތަކުން ބިދޭސީން ފިލާފައެވެ. އޭގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންވެސް ހިމެނެއެވެ. އެގޮތުން މޭ މަހުގެ 13 ވަނަ ދުވަހު އެޗްޕީއޭން ވަނީ ކޮވިޑަށް ޕޮޒިޓިވް ހަތް މީހަކު ފިލައިގެން އުޅޭ ކަމަށް ބުނެފައެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ކޮވީޑް-19 އާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައި ވާ ކަރަންޓީން ފެސިލީޓީއަކުން ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކޮށްފައެވެ. އަދި މިދިޔަ މަހުގެ 10 ވަނަ ދުވަހުވެސް ލޮކްޑައުނާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި 8 ބިދޭސީއަކު ހޯދުމަށް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިތުރު މީހަކު ހއ. އިހަވަންދޫއިން ފެނުމާއެކު އެރަށާއި ހދ. ނޮޅިވަރަމް ކަރަންޓީން ކޮށްފައި ވަނީ މިއަދެވެ.
އެޗްޕީއޭ އިން އެ ދެރަށްވެސް ކަރަންޓީން ކޮށްފައި ވަނީ މިއަދު 15:31 ހާއިރެވެ. ކައުންސިލް ތަކަށް ފޮނުވާފައިވާ ލިޔުމުގައި ވާގޮތުން ރަށުގައި މިވަގުތު ތިބި ބައެއް މީހުންގެ ކިބައިން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާ ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށާއި އެކަމަށް އެއްބާރުލުން ދިނުމަށް ވަނީ އަންގާފައެވެ.