ފެންވަޔަރު ކުރުމަށް ބޭނުންވާ ޕީވީސީ ޕްރެޝާ ހޮޅި އުފައްދައި މާކެޓަށް ނެރެމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ތައްޔާރުވެއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކ. ގުޅީފަޅުގައި އެކުންފުނިން ގާއިމް ކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާ އިން ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި އުފެއްދުމުގެ އިތުރުން ފެންވަޔަރު ކުރުމަށް ބޭނުންވާ ޕީވީސީ ޕްރެޝާ ހޮޅި އުފައްދައި މާކެޓަށް ނެރެން ތައްޔާރު ވެފައިވާ ކަމަށެވެ.

ހޮޅި އުފެއްދުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާއާއެކު، ދިވެހި މާކެޓަށް އަދި ގެދޮރު އިމާރާތް ކުރުމުގެ ސިނާއަތަށް އަމާޒުކޮށް އެމްޑަބްލިޔުއެސްސީ އިން ތަޢާރަފް ކުރާ ޕީވީސީ ޕްރެޝާ ހޮޅި އަކީ ރާއްޖޭގެ މާކެޓުގައި އެންމެ އާއްމު އަދި އެންމެ މަގުބޫލު ތައިލޭންޑްގެ ސްޓޭންޑަޑް ކަމުގައިވާ "ތައި ސްޓޭންޑަޑް" އަށް ފެތޭ ގޮތަށް ތައްޔާރު ކުރާ ފެންވަރު ރަނގަޅު ހޮޅިއެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީގެ ހޮޅި ފެކްޓަރީގައި އުފައްދާފައި ހުރި ހޮޅި

އެގޮތުން އެ ކާރުހާނާއިން، ފެންވަޔަރު ކުރުމަށް ބޭނުން ކުރާ ޕްރެޝާ ކްލާސް8.5 އާއި 13.5 ގެ، ބައި އިންޗިއާއި 6 އިންޗި ޑައިމީޓަރާއި ދެމެދުގެ ސައިޒްތަކުގެ ހޮޅި އުފައްދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ އުފެއްދުމ އެކު، ފެންވަޔަރު ކުރުމަށް ބޭނުންކުރާ ހޮޅި ހޯދުމުގައި، ގެދޮރު އިމާރާތްކުރުމުގެ ސިނާއަތަށާއި އަދި ހާޑުވެއާ ފިހާރަތަކަށް ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ހޮޅި ފެކްޓަރީގައި އުފައްދާފައި ހުރި ހޮޅި

އެގޮތުން، ބޭރުން ހޮޅި ގަނައުމުގެ ބަދަލުގައި، ރާއްޖޭގެ އަމިއްލަ އުފެއްދުމެއް، ރާއްޖޭގެ މާކެޓުން ހޯލްސޭލްކޮށް ލިބެން ހުރުމާއި، އަދި މިކަމުގެ ސަބަބުން، ސްޓޯރޭޖާއި ވެއާހައުސިންގެ ހަރަދުތައް ކުޑަކުރުމަށް މަގުފަހިވެގެން ދާނެ ކަމަށާއި އެ އުފެއްދުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.