ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ފަރާތުން ދަނގެތި ދާއިރާގެ ސްކޫލުތަކަށް 14000 މާސްކު ހަދިޔާ ކުރައްވައިފިއެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭނާ ތަމްސީލު ކުރައްވާ ދަނގެތި ދާއިރާގެ ސްކޫލު ދަރިވަރުންނާއި ރައްޔިތުން ހިމެނޭ ގޮތަށް ބޭނުން ކުރުމަށް 14000 ރިޔޫސަބަލް މާސްކު ހަދިޔާ ކުރައްވާފައިވާ ކަމަށެވެ.

ކާނަލް ނާޒިމް ވަނީ މީގެ ކުރިން ވެސް ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އެކި ފަރާތްތަކާށް މާސްކު ފަދަ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ކުރައްވައިފައެވެ.

އެގޮތުން، މިދިޔަ ޖޫމް މަހު ނާޒިމް ވަނީ ޓެކްސީ ޑްރައިވަރުންނަށް 6000 ޕީޕީއީ ހަދިޔާކޮށްފައެވެ. އޭނާ ވިދާޅުވީ، ދިވެހި ޑްރައިވަރުންނަކީ ހީވާގިކަމާއެކު ގިނައިރު މަސައްކަތުގައި ހޭދަކުރަަ ބައެއް ކަމަށެވެ. އެހެންކަމުން އޭނާގެ ފައުންޑޭޝަން އިން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، ޕީޕީއީގެ 6000 ސާމާނު ހަދިޔާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭރު ހަދިޔާ ކުރި ޕީޕީއީގެ 6000 އައިޓަމްސް ތެރޭގައި ސެނިޓައިޒާ ފުޅި، ފޭސް މާސްކް އަދި އަންގި ހިމެނޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ދަނގެތި ދާއިރާގެ ސްކޫލު ދަރިވަރުންނާއި ރައްޔިތުން ހިމެނޭ ގޮތަށް ބޭނުން ކުރުމަށް 14000 ރިޔޫސަބަލް މާސްކު ހަދިޔާ ކޮށްފައި ވާއިރު، ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ދަރިވަރުން ސްކޫލަސް ދާން ޖެހެނީ މާސްކު އަޅައިގެންނެވެ. ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ސްކޫލުގެ އެހެން ސްޓާފުން ވެސް ތިބެން ޖެހެނީ ސްކޫލު ތެރޭގައި މާސްކު އަޅައިގެންނެވެ.

މިހާތަނަށް އައިއިރު ޖުމްލަ 4264 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި 2643 މީހަކު ބަލިން ރަނގަޅު ވެފައެވެ. ކޮވިޑްގައި ރާއްޖެއިން މިހާތަނަށް 18 މީހަކު މަރުވެފައި ވާއިރު، މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ހުރި ކޭސްތަކުގެ ޖުމްލަ ވަނީ 1489 އަށް އަރާފައެވެ.