ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ގޮތް ބަލައި އިންސާފުން އެކަން ކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ކޮމިޓީގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެން ދިރިއުޅުމުގެ ހާލަތު ބެލުމަކީ ވަކި މީހަކު ނެތިގެން މަޑުޖައްސަން ޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި ވާއިރު، ފްލެޓް ކޮމިޓީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލީ އެ ކޮމިޓީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެހެން މުވައްޒަފުން ވެސް ކަރަންޓީން ކުރަން ޖެހުމުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށް ޓަކައެވެ.

ސައީދު ވިދާޅުވީ މި ހުރިހާ ބަހަނާއެއް މިދައްކަނީ މަސައްކަތް ނިންމާ ފްލެޓްތައް ރައްޔިތުންނާއި ހަވާލު ކުރަން ބޭނުން ނުވާތީ ކަމަށެވެ.

ފްލެޓް ކޮމިޓިން ނެރުނު ބަޔާނެއްގައި ބުނީ، މުވައްޒަފުން ޕޮޒިޓިވްވެ މަސައްކަތް ހުއްޓާލަން ޖެހުމުގެ ސަބަބުން، ލިސްޓުތައް އާންމު ކުރުން ލަސްވެގެން ދާނެ ކަމަށެވެ. ކުރިން އެ ކޮމިޓީން ނިންމާފައިވާ ގޮތުގައި ޖުލައި މަހު ފަހުކޮޅު ނުވަތަ އޮގަސްޓް މަހު ކުރީކޮޅު ބައެއް ކެޓަރީތަކުގެ ލިސްޓުތައް އާންމު ކުރާނެއެވެ. ނަމަވެސް ދެން ލިސްޓު އާންމު ކުރާނެ ތާރީހެއް ކޮމިޓީް ހާމައެއް ނުކުރެއެވެ.

ކޮމިޓީން ވަނީ އާންމުކުރުމަށް ނިންމާފައިވާ ކެޓަގަރީތަކުގެ ކުރެވިފައިވާ މަސައްކަތްތަކާއި ނުނިމިހުރި މަސައްކަތްތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަރަގަރީގެ ތެރެއިން 284 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައި ވާއިރު ވެރިފައި ކުރެވިފައި ނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ އެންމެ ފަރާތެކެވެ. އަދި ޓީޗަރުންގެ ކެޓަގަރީން 720 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައި ވާއިރު މި ކެޓަގަރީން ވެސް ވެރިފައި ކުރެވިފައި ނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ އެންމެ ފަރާތެކެވެ. މާލޭ ރަށްވެހިން ކެޓަގަރީން 4261 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައި ވާއިރު ވެރިފައި ކުރެވިފައި ނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ 23 ފަރާތެކެވެ.

ކޮމިޓީން ބުނެފައިވާ ގޮތުގައި މި ކެޓަގަރީތަކުގެ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައި ނުވާ ފޯމްތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް ވަނީ ނިމިފައެވެ. އަދި H7 ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ފަށާފައިވާއިރު ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާ ކަމަށް ވެސް ކޮމިޓީން ބުނެއެވެ.