ނޯތު ހާބަރު ކުރިމައްޗަށް މީހަކު ވެއްޓިފައި އޮއްވާ ފެނިފައިވާ އިރު އޭނާ ވެއްޓުނީ، މާ ގަދައަށް ދުފައިގެން ބޯ އަނބުރައިގަނެގެން ކަން ހާމަވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހެނދުނު ނޯތު ހާބަރު ކުރިމައްޗަށް އެމީހާ ވެއްޓިފައި ވަނީ ގަދައަށް ދުފުމުގެ ސަބަބުން ބޮލަށް އެނބުރުން އަރައިގެންނެވެ. އަދި މިހާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 9:30 ހާއިރު ނޯތު ހާބަރު ކުރި މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ގޮސް އޭނާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

ވެއްޓިފައިވާ މީހާ އަކީ އުމުރުން 62 އަހަރުގެ ފިިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން ދޭތެރެ ދޭތެރެއިން މަގުމައްޗަށް ހަބަރު ހުސްވެގެން ވެއްޓޭ މީހުން މަދުން ނަމަވެސް އަންނަނީ ފެންނަމުންނެވެ. އެ ގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލޭ މަގުމައްޗަށް ވެއްޓިފައި އޮތް އުމުރުން 29 އަހަރު ބިދޭސީއަކު ވަނީ ފެނިފައެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ކުރި ޓެސްޓުން އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެސް ވެފައެވެ. ނަމަވެސް އެ ކޭސްއަކީ ކޮވިޑް މަރެއް ކަމުގައި އެޗްޕީއޭއިން ނުބަލާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއީ އޭނާ މަރުވި އިރުވެސް އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީ ކަމަށް އެޗްޕީއޭއިން ބުނެއެވެ.