ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ގޮތް ބަލައި އިންސާފުން އެކަން ކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ކޮމެޓީގެ މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ކޮމިޓީގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިކަން ހާމަކޮށްފަިއ ވަނީ އެ ކޮމިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އެގޮތުން މިދިޔަ ހަފްތާ އަންގާރަ ދުވަހު ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފަިއވާ ކަމަށާއި، އެއާއެކު އެހެން މުވައްޒަފުން ވެސް ކަރަންޓީން ކުރަން ޖެހުމުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށް ޓަކައި ކޮމިޓީގެ ބައެއް މަސައްކަތްތައް މެދުކަނޑާލަން ޖެހުނު ކަމަށް ބަޔާނުގައި ބުނެއެވެ.

މީގެ އިތުރުން އިއްޔެވެސް ވަނީ އެ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފްލެޓް ކޮމިޓީން ނެރުނު ބަޔާނުގައި ބުނީ 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ، މުވައްޒަފުން ޕޮޒިޓިވްވެ މަސައްކަތް ހުއްޓާލަން ޖެހުމުގެ ސަބަބުން، ލިސްޓުތައް އާންމު ކުރުން ލަސްވެގެން ދާނެ ކަމަށެވެ. ކުރިން އެ ކޮމިޓީން ނިންމާފައިވާ ގޮތުގައި ޖުލައި މަހު ފަހުކޮޅު ނުވަތަ އޮގަސްޓް މަހު ކުރީކޮޅު ބައެއް ކެޓަރީތަކުގެ ލިސްޓުތައް އާންމު ކުރާނެއެވެ. ނަމަވެސް ދެން ލިސްޓު އާންމު ކުރާނެ ތާރީހެއް ކޮމިޓީް ހާމައެއް ނުކުރެއެވެ.

ކޮމިޓީން ވަނީ ޢާންމުކުރުމަށް ނިންމާފައިވާ ކެޓަގަރީތަކުގެ ކުރެވިފައިވާ މަސައްކަތްތަކާއި ނުނިމިހުރި މަސައްކަތްތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަރަގަރީގެ ތެރެއިން 284 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައި ވާއިރު ވެރިފައި ކުރެވިފައި ނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ އެންމެ ފަރާތެކެވެ. އަދި ޓީޗަރުންގެ ކެޓަގަރީން 720 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައި ވާއިރު މި ކެޓަގަރީން ވެސް ވެރިފައި ކުރެވިފައި ނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ އެންމެ ފަރާތެކެވެ. މާލޭ ރަށްވެހިން ކެޓަގަރީން 4261 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައި ވާއިރު ވެރިފައި ކުރެވިފައި ނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ 23 ފަރާތެކެވެ.

ކޮމިޓީން ބުނެފައިވާ ގޮތުގައި މި ކެޓަގަރީތަކުގެ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައި ނުވާ ފޯމްތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް ވަނީ ނިމިފައެވެ. އަދި H7 ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ފަށާފައިވާއިރު ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާ ކަމަށް ވެސް ކޮމިޓީން ބުނެއެވެ.