ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނުގެ ގޮތުގައި 330 ފަރާތަކަށް 475.5 މިލިއަން ރުފިޔާ އާއި 6 މިލިއަން ޑޮލަރު ދޫކޮށްފިއެވެ.
ކޮވިޑް ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރަނީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. މި ސްކީމުގެ ދަށުން 330 ފަރާތަކަށް 475.5 މިލިއަން ރުފިޔާ އާއި 6 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، އެއީ ރުފިޔާއިން ބަލާނަމަ ޖުމްލަ 568 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަސް މި ލޯނަށް 542 ފަރާތަކުން ވަނީ އެދިފައެވެ. އެގޮތުން މީގެ ތެރެއިން 128 ފަރާތެއް ޝަރުތު ހަމަނުވާއިރު، 16 ފަރާތެއް ވަނީ ރިޖެކްޓްކޮށްފައެވ. އަދި 367 ފަރާތެއް އެޕްރޫވްކޮށްފައިވާއިރު، 31 ފަރާތެއްގެ އެޕްލިކޭޝަން ވަނީ ޕްރޮސެސިންގައެވެ. އެޕްރޫވްކުރި 367 ފަރާތުގެ ތެރެއިން އަދި ފައިސާ ދޫކޮށްފައި ވަނީ 330 ފަރާތަކަށެވެ.
މި ސްކީމަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމާއެކު ތައާރަފްކުރެވުނު ލޯން ސްކީމެކެވެ. މި ސްކީމުގެ ދަށުން ރިސޯޓް ކެޓެގަރީގެ ދަށުން ކޮންމެ ރިސޯޓަކަަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު ނޮން ރިސޯޓް ސްކީމުގެ ދަށުން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ.
ކޮވިޑް ރިކަވަރީ ސްކީމްގެ ދަށުން ލޯނު އަނބުރާ ދެއްކުމަށް ލިބޭނެ އެންމެ ދިގު މުއްދަތަކީ 3 އަހަރު ކަމަށްވާއިރު، މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 6 އިރު،އެ މުއްދަތުގައި ބޭންކަށް އިންޓަރެސްޓް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ. ހަމައެއާއެކު މި ސްކީމްގެ ދަށުން ނަގާ ލޯނުތަކަށް ރަހުނެއް ބޭނުމެއް ނުވާނެއެވެ.