އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި ތުހުމަތުގައި 2 ފިރިހެނުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ސ. ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައެއް އިއްޔެގެ ހެންދުނުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ ގޮތުން މި މައްސަލައާ ގުޅިގެން ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނުކުޅުދުންތެރިކަން ހުރި މީހަކު ރޭޕްކުރުމުގެ ތުހުމަތުގައި ދެމީހަކު އިއްޔެ ހައްޔަރުކޮށްފައިވާ އިރު، ގދ އަދި ގއ ހިސާބުގެ ރަށެއްގައި ކުޑަ ކުއްޖަކާ ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން 46 އަހަރުގެ ފިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައެވެ.