ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ހއ. އިހަވަންދޫއިން ފެނުމާއެކު އެރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ "242" ނަމަކަށް ކިޔާ ބޯޓަކުން އެ ރަށަށް ދިޔަ ފަރާތެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން އެނގިފައި ވަނީ ކަރަންޓީނުގައި ހުއްޓާ ނޫން ކަމަށާއި ޕޮޒިޓިވްވި ކަމުގެ ނަތީޖާ ލިބިފައި ވަނީ ރޭ 11:50 ހާއިރު ކަަމަށެވެ.

242 ބޯޓަކީ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓު އިހަވަންދޫއަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ބޯޓުގައި ތިބި މީހުން ކަރަންޓީން ކޮށްފައި ނުވަނީ އެމީހުން މާލެއަށް ނުފައިބާތީ ކަމަށާއި އަދި މިހާތަނަށް އެ ބޯޓުން ދަތުރު ކުރި އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އެއްވެސް އަލާމަތް ފެނިފައި ނުވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ކޭސްއާ ގުޅިގެން މިހާރު ޕޮޒިޓިވް ވެފައިވާ ފަރާތާ ބައްދަލު ވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.facebook.com/IhavanCouncil/posts/2650800741901997

މޮނިޓަރިންގެ ހާލަތަށް އެ ރަށް ބަދަލު ކޮށްފައިވާ އިރު، އެ ރަށު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ، ޒަރޫރީ ބޭނުންތަކަށް މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނަ ނަމަ މާސްކް އަޅައިގެން ނުކުތުމަށް އަންގާފައެވެ. އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުދިއުމަށާއި މިސްކިތްތަކަށް ދާ ފަރާތްތަކުން އަމިއްލަ މުސައްލަ ގެންދިއުމަށް ކައުންސިލުން އިލްތިމާސް ކުރެއެވެ.

އަދި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށާއި އިޖުތިމާއީ ހުރިހާ ހަރަކާތެއް މި ވަގުތު މަނާކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.