ގއ އަދި ގދ ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކުރީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއަދު ފެންމަތިި މިހާދިސާއާ ގުޅިގެން އެކަން ހިނގި ރަށުގައި، ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެކަން ކުރި މީހާގެ ގެދޮށުގައި އިހުތިޖާޖު ކޮށްފައިވެއެވެ. އެކަން ހިންގި އިރު ފުލުހުންވެސް އެ ތާނގައި ތިބިތަން އާންމުވެފައިވާ ވީޑިއޯ ތަކުން ފެނެއެވެ.
ފުލުހުން ބުނީ ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ކަމަށެވެ. އަދި ރެއިން ފެށިގެން މައްސަލަ ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.
ގއ އަދި ގދ ގެ ރަށެއްގައި މި ހާދިސާ ހިނގާފައި ވާއިރު އައްޑޫ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 ގެ އަންހެނަކު ރޭޕް ކުރި މައްސަލައެއްވެސް ވަނީ ފެންމަތި ވެފައެވެ.
މި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން އަދި ނުބުނެއެވެ.