ޅ. ހިންނަވަރާއި ވ. ފުލިދޫން ކުރެ ކޮންމެ ރަށަކުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މި ދެ ރަށުންވެސް ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

މި ދެރަށުގެ ދެމީހުންވެސް ޕޮޒިޓިވްކަން އެނގިފައިވަނީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ނިންމާ ދޫކޮށްލުމުގެ ކުރިން ހަދާ ޓެސްޓްގެ ސާމްޕަލް ޕޮޒިޓިވް ވުމުންނެވެ.

ޅ. ހިންނަވަރުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. ވ. ފުލިދޫން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 20 އަހަރުގެ އަންހެނެކެވެ. ފުލިދޫން ޕޮޒިޓިވް ވި މީހާ ކަރަންޓީނުގައި ހުރީ އެ ރަށުގައި ހުންނަ ގެސްޓްހައުސްގައި އިތުރު 3 މީހަކާއެކުގައެވެ. ނަމަވެސް އެމީހުން ތިބީ ވަކިންނެވެ. ޅ. ހިންނަވަރުން ޕޮޒިޓިވް ވި މީހާ ހުރީ ކޮންތާކުކަން އަދި ސާފެއް ނުވެއެވެ.

ފަހަކަށް އައިސް މާލެއިން އަތޮޅުތެރޭގެ ރަށްރަށަށް ގޮސް ކަރަންޓީނުގެ މުއްދަތު ހަމަ ކުރާ ބައެއް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިިވް ވަމުންނެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގައިވެސް ގިނަ ރަށްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ލ. މާފުށި އަދި ބ. ކަމަދުއެވެ. އަދި ބ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރާ ސީސައިޑް ފިނޮޅު ވެސް ހިމެނެއެވެ.