ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އިން ގޮވާލައިފިއެވެ.
މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އިން ބުނީ، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ގިނަވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ބަލި މީހުން ގިނަވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ދެކެމެވެ. އެގޮތުން ބަލި ކޮންޓްރޯލް ނުވެ، ކޭސްތައް އިތުރުވާން ފަށައިފިނަމަ، ސިއްހީ ހިދުމަތް ދޭ ތަންތަން ފުރި، ސިއްހީ ހިދުމަތްތެރިން މަދުވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް އެ ފަރާތުން ބުނެއެވެ.
އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އިލްތިމާސް ކުރާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އެގޮތުން އާންމު ތަންތަނުގައި މާސްކު އެޅުމާއި އިޖްތިމާއީ ގައި ދުރުކަން ބެހެއްޓުން ހަރުކަށިކޮށް، މިކަންކަން ގާތުން ބަލައި، މިކަންކަމަށް ބޯނުލަނބާ ފަރާތްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް އެ އެސޯސިއޭޝަނުން އެދެއެވެ. އަދި އެކި މުއައްސަސާ ތަކުންނާއި އާންމު ފަރުދުން ބާއްވަމުންދާ އެއްވުންތައް މަނާކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ކޮވިޑް19 އިން ރައްކާތެރި ވުމަށް އަލާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުންނަށް ލުއިދީ މިހާރު ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާލައި ފިހާރަތަކާއި ރެސްޓޯރަންޓް ކެފޭތައްވެސް ވަނީ ހުޅުވާލާފައެވެ. ހަމައެއާއެކު މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މިހާލަތަށް ބަދަލު ކުރި ފަހުން މާލޭގެ މަގުތަކުގައި ނުކުމެ އުޅޭ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އަދި ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ފެނިފައިވާ ޕޮޒިޓިވް ކޭސްތައް ވެސް ވަނީ އިތުރު ވެފައެވެ.
ހަމައެއާއެކު ރާއްޖޭގެ ބޯޑަރުތައް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލައި ޓުއަރިސްޓުން ރާއްޖެއަށް އަންނަން ވަނީ ފަށާފައެވެ. ނަމަވެސް ދާދި ފަހުން އެމެރިކާއިން ރާއްޖެއަށް އައި ފަތުރުވެރިއެއްގެ ގައިން ވަނީ ކޮވިޑް ބަލި ފެނިފައެވެ. ޖޫން 15 ގައި ލޮކްޑައުން އުވާލި އިރު ރާއްޖޭގައި ޕޮޒިޓިވް ވަމުން ދިޔައީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ. ނަމަވެސް މި ރޭޓު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ގޮސް މިހާރު ވަނީ 5.68 ޕަސަންޓަށް އަރާފައެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވާން ފަށާފައިވާއިރު މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 152 އަށް އަރާފައެވެ.