މާދަމާގެ އީދު ނަމާދާއި ހުކުރު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަކަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އަޟްހާ އީދު ދުވަހުގެ އީދު ނަމާދަށް ދިއުމުގައި ސަމާލުވާންވީ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ހާމަކުރަމުން ބުނީ، މި އަހަރުގެ އަޟްހާ އީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން ދެ ނަމާދުގެ ތެރެއިން ކޮންމެ ވެސް އެއް ނަމާދަކަށް އައުމަށް އިލްތިމާސްކުރާ ކަަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނުދިއުމަކީ އެ މިނިސްޓްރީން ބާރުއަޅާ ކަމެއް ކަމަށް ބުނެއެވެ.

އާ އާންމު ހާލަތުގެ ދަށުން މިސްކިތްތައް ހުޅުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކޮށްފައިވާ ފަދައިން، އީދު ނަމާދަށް ވެސް، ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ފުއްޕާ މޭގަ މައްސަލަ ހުންނަ ފަރާތްތަކާއި، ދުވަސްވީ މީހުންނާއި، ބަލީގެ އަލާމާތެއް ހުންނަ ފަރާތްތަކުން ނުދިއުމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މިސްކިތަށް ދާ މީހުން އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަނެކާގެ މުސައްލަ މައްޗަށް މުސައްލަ ނޭޅުމަށާއި އެމީހެއްގެ މުސައްލަ މަތީގައި ހުރެގެން ނަމާދު ކުރުމަކީ މި ހާލަތުގައި ބާރު އަޅާގޮތް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ މީހަކުވެސް މިސްކިތަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް މިނިސްޓްރީގެ ފަރާތުން ނިންމާފައިވާއިރު މާލެ ސިޓީގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ މާލޭގެ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައެވެ. ނަމަވެސް އަންހެނުންނަށް އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވަނީ ހަމައެކަނި މާލޭގެ އިސްލާމީ މަރުކަޒު، ވިލިމާލޭގެ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގެ މަސްޖިދުލް އަޒީޒާ މޫސާގައެވެ.