މުޅި ދުނިޔޭގައި ފެތުރެމުންދާ ސިއްހީ ބަލިމަޑުކަން ފަދަ މުސީބާތްތަކަކީ މާތްﷲ އަށް ކިޔަމަންތެރި ވުމަށްޓަކައި ހުޅުވިގެންދާ އިތުރު ދޮރެއް ކަމަށާއި ކެތްތެރިކަން އިސްކުރުމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލައިފިއެވެ.
ހައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު އަރަފާތު ބިމުގައި އިއްވުނު ހައްޖު ހުތުބާގައި ބުނެފައި ވަނީ ދިމާވާ މުސީބާތަތްކަށް ކެތްތެރިވުމަށް އިންސާނީ އުންމަތަށް މާތް ނަބިއްޔާ ވަސިއްޔަތް ކުރައްވާފައިވާ ކަމަށާއި މިވަގުތު ދަތިކަންތައްތަކެއް ދިމާވެފައި ވީ ނަމަވެސް މިދިޔަ ހުރިހާ އަހަރުތަކެއް ހޭދަވީ އުފާވެރިކަމާއި ހަމަޖެހުމުގައި ކަމަށް ވާތީ، އެކަމަށް މާތްﷲ އަށް ޝުކުރު ކުރުމަށެވެ.
އަދި ﷲ އިރާދަފުޅުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުން އެހެން ހާލަތަކަށް ބަދަލުވެ މިއަށް ވުރެ ރަނގަޅުގޮތް މެދުވެރިވާނެ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
ކޮންމެފަދަ ވަގުތެއްގައި، ކޮންމެ ފަދަ ހާލަތެއްގައިވެސް މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެކަމަށް ތައްޔާރުވެ ކެތްތެރިވާން ޖެހޭނެ ކަމަށް ހުތުބާގައި ގޮވާލާފައި ވާއިރު، މާތް ނަބިއްޔާ އަރަފާތު ބިމުގައި ދެއްވި ހައްޖަތުލްވަދާއުގެ ހުތުބާގައި ފާހަގަކުރެއްވި ދީނުގެ ހުކުމްތައް މުސްލިމުންނަށް ހަނދާންކޮށް ދެއްވިއެވެ.
އެގޮތުން މިފަދަ ހަލަތެއްގައި ދުނިޔެ އޮތް އިރު އޭގެ ނާޖާއިޒް ބޭނުން ބައެއް ފަރާތްތަކުން ހޯދަމުންދާ ކަން ފާހަގަ ކުރަމުން ރިބާ ހަރާމް ކުރައްވާފައި ވާކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ދީނުގައިވާ ގޮތާ ހިލާފަށް އަމަލު ކުރާ މީހުންގެ އަމަލުތަކާ މެދު އެމީހުން ވިސްނައި އާހިރަތް ދުވަހުން އެފަދަ އަމަލަކާ ގުޅޭގޮތުން ކަންތައް ވެގެންދާނެ ގޮތާ މެދު ވިސްނުމުގެ މުހިންމު ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
މިއަހަރުގެ ހައްޖު ދުވަހުގެ ހައްޖު ހުތުބާއަކީ އެހެން އަހަރުތަކުގެ ހައްޖު ހުތުބާ އަށް ވުރެ ތަފާތު ހުތުބާއެކެވެ. އަދި ހައްޖަކީވެސް ތަފާތު ހައްޖެކެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައި ވަނީ ސައުދީގައި ތިބި މީހުން އެކަންޏެވެ. ހައްޖުގެ އަޅުކަން ކުރިއަށް ދާނީވެސް އިޖުތިމާއީ ގައިދުރު ކަމާއެކުއެވެ.