ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެ، ޖުމްލަ އަދަދު 16 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަންް އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދިޔަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެއީ 71 އަހަރުގެ ދިވެހި އަންހެނަކު ކަމަށާއި އޭނާ މަރުވީ މިއަދު މެންފުރު 1:38 ހާއިރު ކަމަށް އެޗްޕީއޭން ބުނެއެވެ.
އެޗްޕީއޭން ބުނީ މިއަދު މަރުވި މީހާ އައިޖީއެމްއެޗަށް ގޮސްފައި ވަނީ ނޭވާ ހާސްވާތީ ކަމަށެވެ. އެގޮތުން އޭނާ އިމަޖެންސީއަށް ދިޔައީ މިއަދު ހެނދުނު ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 16 އަށް އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 5 ބިދޭސީންނެވެ. 11 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 6 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި 71 އަހަރުގެ އަންހެން މީހާވެސް މީގެ ތެރޭގައި ހިމެނެއެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
މިއަދާ ހަމައަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 3567 އަށް އަރާފައި ވާ އިރު މި ބަލިން ފަރުވާ ލިބިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2554 އަށް އަރާފައެވެ. އެހެންކަމުން މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 657 މީހުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި މީހުންގެ އަދަދަކީ 983 އެވެ.
އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން 15 ގައި ލޮކްޑައުން އުވާލިއިރު ރާއްޖޭގައި ޕޮޒިޓިވްވަމުން ދިޔައީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ. ނަމަވެސް މި ރޭޓު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ގޮސް މިހާރު ވަނީ 5.68 ޕަސަންޓުން މައްޗަށް އަރާފައެވެ.