ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 7 މީހަކު ރަނގަޅުވެ، އިތުރު 61 މީހަކަށް ބަލި ޖެހިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަދު ޕޮޒިޓިވް ވެފައި ވާ 61 މީހުންގެ ތެރޭގައި 44 ދިވެހިން ހިމެނޭއިރު، ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ 2 މީހަކު ހިމެނެއެވެ.

މިއަދާ ހަމައަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 3567 އަށް އަރާފައި ވާ އިރު މި ބަލިން ފަރުވާ ލިބިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2554 އަށް އަރާފައެވެ. އެހެންކަމުން މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 657 މީހުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި މީހުންގެ އަދަދަކީ 983 އެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން 15 ގައި ލޮކްޑައުން އުވާލިއިރު ރާއްޖޭގައި ޕޮޒިޓިވްވަމުން ދިޔައީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ. ނަމަވެސް މި ރޭޓު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ގޮސް މިހާރު ވަނީ 5.68 ޕަސަންޓުން މައްޗަށް އަރާފައެވެ.