ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ކާޑުގެ މައުލޫމާތު ހޯދަން ފޯނު ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ނަމުގައި ފަންޑު ޓްރާންސްފާ ކުރުމަށް ނުވަތަ ކާޑުގެ މައުލޫމާތު ހޯދުމަށް އަދި އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ކުރާ ކޯލުތަކަށް ޖަވާބު ދާރީ ނުވުމަށެވެ.
ބީއެމްއެލް އިން ބުނީ އެ ފަދަ މައުލޫމާތު ހޯދަން އެ ބޭންކުން ނުގުޅާނެ ކަމަށެވެ. އާންމުކޮށް އެ ބާވަތުގެ ފޭކް ކޯލް ކުރަނީ ޖަލުންނެވެ. ޖަލުގައި ތިބޭ މީހުން ޖަލަށް ވަގަށް ފޯނު ވައްދައިގެން އެކަން ކުރާ ކަމަށް ފުލުހުން ވެސް ބުނެފައި ވެއެވެ. ނަމަވެސް އެހެން ބުނުމުގެ އިތުރުން އެކަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ އެދެވޭ ނަތީޖާއެއް ނުފެންނަކަން ފާހަގަ ކުރެވެއެވެ.
ފޯނުން ގުޅައިގެން ކާޑުގެ މައުލޫމާތު ހޯދާ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ. އަދި މެއިލްގެ ޒަރީއާއިން އިންޓަނެޓް ބޭންކިންއާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ބައެއް މީހުން ކުރަމުން ގެންދެއެވެ. ބީއެމްއެލް އިން ވަނީ އެގޮތަށް ގުޅާ ފަރާތްތަކަށް އެކައުންޓުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.